-
-
އަޑު އަހަން ބޭނުން ނުވަނީ ކަމުގައި ވެދާނެ

އަޑު އަހަން ބޭނުން ނުވަނީ ކަމުގައި ވެދާނެ

މީގެ އެތައް ދުވަހެއް ކުރިއެވެ. އެއީ އަބަދުވެސް ބަރާބަރަށް މިސްކިތަށް ޖަމާޢަތަސް ނަމާދަށް އަންނަ މީހެކެވެ. އެންމެ ކުރިން ފެށިގެންވެސް އެމީހާ ބަރާބަރަށް މިސްކިތުގައި ނަމާދުގެ ޖަމާޢަތުގައި ބައިވެރިވަމުންދިޔަ އެވެ. ވީނުވީއެއް ނޭންގި ކުއްލިއަކަށް އެމީހާ ޖަމާއަތުން ގެއްލިއްޖެ އެވެ. މިސްކިތަށް އައުން މުޅިން ހުއްޓިއްޖެއެވެ.

ADS BY FENVARU

މިކަން އެ މިސްކިތުގެ އިމާމަށް ފާހަގަކުރެވުނުތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މެދުނުކެނޑި ބަރާބަރަށް މިސްކިތަށް ޙާޟިރުވަމުން ދިޔަ އެމީހާ ކުއްލިއަކަށް މިސްކިތުން ނުފެންނާތީ މިކަމުގެ ހަޤީޤަތް ބެލުމަށް އޭނާއަށް ޒިޔާރަތް ކުރުމަށް އެ މިސްކިތުގެ އިމާމް ނިންމި އެވެ.

އެއް ރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އެރެޔަކީ އާދައިގެ ރޭތަކަށްވުރެ ފިނި ރެޔެކެވެ. އިމާމަށް އެމީހާގެ ގެއާއި ހަމައަށް ދެވުނުއިރު އޭނޭ އޭނާގެ ގޭގައި އެކަނިވެރިކަމާއި ހަމަހިމޭން ކަމާއިއެކު އަލިފާންގަނޑެއް ރޯކޮށްގެން އޭގެ އެހީގައި ހީފިލުވަމުން ދިޔައެވެ.

އިމާމް އޭނާގެ ގޭގެ ދޮރުމަށްޗަށް ހުއްޓި ސަލާމް ގޮވައިލިއެވެ. އޭނާ ސަލާމުގެ ޖަވާބުދިނުމަށް ފަހު އިމާމް ގޭތެރެއަށް ވައްދައި އިށީނުމަށް ގޮނޑިއެއް ދެއްކިއެވެ.

އިމާމް އެތެރެއަށް ވަނުމަށްފަހު ގޮނޑީގައި އިށީންދެ ހަމަޖެހިލި އެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް ބަހެއް ނުބުނެ އެވެ. ކުރިމަތީގައި ރޯވެ އަނދަމުން ދިޔަ އަލިފާނުގެ ހޫނާއި އަލިކަމުން ދެމީހުން ވެސް ހަމަޖެހުން ހޯދަމުންދިޔަ އެވެ.

އިމާމް އިރުކޮޅަކު މިހެން އިނުމަށްފަހު ރޯކޮށްފައިވާ އަލިފާނުގެ ތެރެއިން ރަނގަޅަށް ރޯވެ އަނދަމުން ދިޔަ ދަރުގަނޑެއް ނަގައި ވަކިން ދުރުގައި ބޭއްވި އެވެ. އެއަށް ފަހު އެނބުރި އައިސް އަނެއްކާވެސް ކުރިން އިމާމް އިން ގޮނޑީގައި އިށީނެވެ. އެއްވެސް ބަހެއް ބުނުމެއް ނެތިއެވެ.

އެމީހާ އިމާމްގެ މި ހަރަކާތްތައް ފަރުވާތެރިކަމާއިއެކު ބަލަމުން ދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑާއި ދުރުގައި ވަކިން އިމާމް ބޭއްވި ދަރުގަނޑުގައި ރޯވެފައިވާ އަލިފާންގަނޑު ނިވި އޭގެ އަލިކަން މުޅިން ގެއްލިގެން ހިނގައްޖެ އެވެ. މިހާރު އެ ދަރުގަނޑުގެ އެއްވެސް ބޭނުމެއް ނެތްފަދަ އެވެ.

މި ދެމީހުންގެ ދެމެދުގައި އެންމެ ފުރަތަމަ ދެމީހުން ބައްދަލުވިއިރު ކުރެވުނު ސަލާމް މެނުވީ އިތުރު އެއްވެސް ވާހަކައެއް ނުދެކެވެއެވެ.

އިމާމް އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާގެ އަތުގައި އޮތް ގަޑިޔަށް ބަލައިލި އެވެ. އަދި އެނާ އެނބުރި ދާންޖެހޭ ވަގުތު އަތުވެއްޖެކަމުގައި ދެކި ގޮނޑިން ތެދުވި އެވެ. އެއަށް ފަހު އެތަނުގައި ރޯކޮށްފައިވާ އަލިފާންގަނޑުގެ ތެރެއިން އިމާމް ކުރިން ނަގައި ވަކިން ދުރުގައި ބޭއްވި ދަރުގަނޑު ނެގި އެވެ. އަނެއްކާވެސް އެ ދަރުގަނޑު އަލިފާންގަނޑުގެ ތެރެއަށް ލިއެވެ. އަލިފާންގަނޑުގެ ތެރެއަށް އެއްލުމުން އިސާ ހިތަކު އެދަރުގަނޑުގައި ރޯވެ އަލިފާންގަނޑުގެ ހޫނުކަމާއި އަލިކަން އެދަރުގަނޑުގައި ހިފައިފި އެވެ.

އަދި އެ އަލިފާންގަނޑަށް ދިރުން ލިބިގެން ދިޔައެވެ. އިމާމް ބޭރަށް ނުކުތުމަށްޓަކައި ދޮރާ ދިމާއަށް ހިނގައިގަތެވެ. އެވަގުތު އެމީހާ އޭނާގެ ކޯތާފަތް ކަރުނައިން ތެމިފައިވާ ޙާލު އިމާމްގެ ގާތަށްގޮސް ދެންނެވި އެވެ.

"އޭ އިމާމް އެވެ. ތިބާގެ ތިޔަ ޒިޔާރަތަށް އަހުރެން ޝުކުރުވެރި ވަމެވެ. އަދި ޚާއްޞަކޮށް ތިޔަދެއްވި އަލިފާނުގެ ހިމޭން ދަރުސަށްޓަކައި ވަރަށްބޮޑަށް ޝުކުރުވެރި ވަމެވެ. އިރާދަ ކުރެއްވިއްޔާ މާދަމާގެ ފަތިސްނަމާދުން ފެށިގެން އަހަރެން އަނެއްކާވެސް ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް މިސްކިތައް ދާނަމެވެ."

އަޅުގަނޑުމެން މިއަދު ދިރިއުޅެމުންމިދާ ދުނިޔޭގައި ގިނަމީހުން އެބައިމީހުންގެ މެސެޖު ރައްދުކުރުމަށްޓަކައި ގިނަ ބަސްތަކެއް ބޭނުންކުރެ އެވެ. މި ބަސްތަކުގެ އަޑު ގިނަބަޔަކު ކަނުލައި ފަރުވާތެރިކަމާއި އެކު ނާހަ އެވެ. އަޑު އަހަން ބޭނުން ނުވަނީ ކަމުގައިވެސް ވެދާނެ އެވެ. އެބައިމީހުންގެ ވިސްނުމާއި ފިކުރު އެއަށްވުރެބޮޑަށް ތަފާތު އެހެނިހެން ކަންތައްތަކުގެ މައްޗަށް ހަރަކާތްތެރިވެ އެވެ. ވީއިރު މިފަދަ ހަމަހިމޭން ދަރުސަކުން ޚާޞިލްކުރެވޭ ފިލާވަޅު މާފުރިހަމަ އެވެ.

ނިމުނީ