-
-
ރ.. އަތޮޅު ކައުންސިލުން ފުލުހުންގެ ޚިދުމަތް އަވަސްކުރުމަށް ބޭނުންވާ ބައެއްތަކެތި ހަދިޔާކޮށްފި

ރ.. އަތޮޅު ކައުންސިލުން ފުލުހުންގެ ޚިދުމަތް އަވަސްކުރުމަށް ބޭނުންވާ ބައެއްތަކެތި ހަދިޔާކޮށްފި

ރ. އަތޮޅު ކައުންސިލްގެ ފަރާތުން ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ކޮމްޕިއުޓަރ ސިސްޓަމްތަކަކާއި ޕްރިންޓަރުތަކެއް ހަދިޔާކޮށްފިއެވެ. އަތޮޅުކައުންސިލުން ފުލުހުންނަށް މިތަކެތި ހަދިޔާ ކޮށްފައިވަނީ ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ އަވަސްކޮށް ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

ADS BY FENVARU

މިކަމަށްޓަކައި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުގައި މި ޖުލައި މަހުގެ 25 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ފުލުހުންނާ ހަވާލުކޮށްދެއްވީ ރ. އަތޮޅު ކައުންސިލްގެ ނައިބު ރައިސް އަޙްމަދު ޢަބްދުލް ކަރީމްއެވެ. ފުލުހުންގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ ރ. އަތޮޅު ކޮމާންޑަރު ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އެވެ.

މިރަސްމިއްޔާތުގައި ރ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރ. އަތޮޅު ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހަދިޔާކުރި މިތަކެއްޗަކީ މައްސަލަތައް، ތަހުޤީޤްތައް އަވަސްކޮށް ފުލުހުންގެ މަސައްކަތްތަކަށް މިހާރަށްވުރެ ހަލުވިކުރުމުގެ ގޮތުންނާއި ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދިޔާކުރި ތަކެތިކަމަށް ވިދާޅުވިއެވެ.

ރ. އަތޮޅު ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި ރ. އަތޮޅު ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހަދިޔާކުރި ތަކެތީގެ ސަބަބުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަން ފާހަގަކުރައްވައި ރ. އަތޮޅު ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.

ރ. އަތޮޅު ކައުންސިލްގެ ފަރާތުން ފުލުހުންނަށް ހަދިޔާކޮށްފައިވަނީ 5 ކޮމްޕިއުޓަރ ސިސްޓަމަކާއި 3 ޕްރިންޓަރެކެވެ. މިތަކެތި ހަދިޔާކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރ. އަތޮޅު ކައުންސިލް ނައިބު ރައީސް އާއި އެކައުންސިލްގެ މެމްބަރުންނާއި ރ. އަތޮޅު ކޮމާންޑަރާއި ރ. އުނގޫފާރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.