loading ...
loading ...
ހުކުރު އަޅާފައި ދިޔަ ދަތުރު- ކަމެއްވާނީ ބުނެފައެއް ނޫން

ހުކުރު އަޅާފައި ދިޔަ ދަތުރު- ކަމެއްވާނީ ބުނެފައެއް ނޫން

1 comment

އެއީ އަހަރުގެ ސްކޫލްތައް ބަންދުވެ ބޮޑު ޗުއްޓީގެ ދުވަސް ވަރެވެ. އަހަރެންނާއި އަހަރެންގެ ރައްޓެހިން ޗުއްޓީގައި ކުރާނޭ ވަރަށް ގިނަ ކަންތައް ތަކެއްރޭވީމެވެ. މިގޮތުން އެންމެ މުހިންމު އަދި އެންމެ ޚާއްޞަ ކަމަކަށް އޮތީ ފަޅު ރަށަކަށް ދަތުރު ދިއުމެވެ. ހުރިހާ އެންމެން މަޝްވަރާ ކުރުމަށްފަހު ދަތުރު ދާނެ ދުވަހަކަށް ހަމަޖެހުނީ ޖެހިގެން އަންނަ ހުކުރު ދުވަހެވެ. ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެވެ.

އަހަރެންނާއި އަހަރެންގެ ރައްޓެހިން ތައްޔާރު ވަމުން ދިޔައީ ދަތުރު ދިއުމަށްޓަކައެވެ. ދަތުރަށް ބޭނުންވާނޭ ހުރިހާ އެއްޗެއް ދޯންޏަށް އެރުވުމުގެ މަސައްކަތް ވަރަށް ފޯރިޔާއިއެކު ކުރިއަށް ދިޔައެވެ. ރޭވިފައި އޮތީ ހެނދުނު 6 ޖަހާއިރު ނައްޓާލާ ގޮތަށެވެ. ނަމަވެސް 6 ޖެހި އިރުވެސް ނައްޓާލެވޭ ގޮތެއް ނުވިއެވެ. ދަތުރުގެ އެންމެ މުހިންމު އެކަކު އަދިވެސް ބަނދަރަކަށް ނުނިކުމެއެވެ. އެއީ ފަރުހާދު އެވެ.

ފަރުހާދަކީ އަހަރެންގެ ރައްޓެހިންގެތެރޭގައި އަދި އަހަރެމެންގެ ގުރޫޕުގައި ހުރި އެންމެ ރަނގަޅު ކުއްޖާ އެވެ. އޭނާ ބަރާބަރަށް ނަމާދު ކުރެއެވެ. ރަސޫލާގެ ސުންނަތަށް ތަބާވެ އެގޮތައް އަމަލު ކުރުމަކީ އޭނާގެ އެންމެ ހާއްސަ އެއް ސިފަ އެވެ. އަހަރެމެން ކުރާ ގޯސް ކަންތައްތަކަށް އޭނާ ނަފުރަތު ކުރެއެވެ. އަދި އެފަދަ ގޯސް ކަންތައްތައް ނުކުރުމަށް އަހަރެމެންނަށް އޭނާ ނަސޭހަތް ދެއެވެ. ހާއްސަކޮށް ދޮގު ނުހެދުމަށް އަބަދުވެސް އޭނާ އަހަރެމެން ކައިރީ ބުނަމުން ދެއެވެ. ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހެދުމަށެވެ. މި ދަތުރުގައި އޭނާ ބައިވެރި ނުވަނީ އަހަރެމެންގެ އަމަލުތައް ހުންނަގޮތުން ކަމަށް ފަހަރުގައި ވެދާނެއެވެ.

ކޮންމެއަކަސް ފަރުހާދުގެ ހަބަރެއް ނުވުމުން އަހަރެމެން އޭނާއަށް ފޯނު ކުރީމެވެ. އޭނާ ބުނީ ދަތުރު ނުދާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ބުނީ ހުކުރު އަޅާފައި ދާން ޖެހޭތީއެވެ. އަދި އަހަރެމެންގެ އަމަލުތައް ހުންނަގޮތުން އޭނާ ހިތްހަމަ ނުޖެހެނީ ކަމަށެވެ. އަހަރެމެން އެ ރަށަށްގޮސް ކޮންމެފަދަ އަމަލެއްވެސް ކޮށްފާނެ ކަމަށް އޭނާބުންޏެވެ. ފަރުހާދުގެ މި ޖަވާބަށް އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ކުދިން މަލާމާތްކޮށް ހީހެދިއެވެ. އެއްބަޔަކު ބުނީ ފަރުހާދަކީ ފިނޑިއެއްކަމުގައެވެ. އަނެއްބަޔަކު ބުނީ ފަރުހާދު އެހުރީ ހާބީ ވެފާކަމުގައެވެ. އޭނާއަށް ރަށުގެ މުދިމުކަން ދޭންވީކަމުގައެވެ.

ރަށުން ދޯނި ނައްޓާލައިފީމެވެ. ކަނޑުމަޑު މޫސުން ރީތި ދުވަހެކެވެ. ދާން ހަމަޖެހިފައިވާ ރަށަކީ ފުދޭވަރަކަށް ދުރު ރަށެއްކަމުން ކަނޑުމަތީގައި ވަރަށްގިނަ އިރު ހޭދަކުރަންޖެހުނެވެ. އެހެންވެ ދޯނި މަތީގައި ސަކަރާތްޖަހާ މަޖާކުރުން އޮތެވެ. ބެރުޖެހުމާއި ލަވަ ކިޔުމެވެ.

ގާތް ގަނޑަކަށް 2 ގަޑި އިރެއްހާއިރު ދަތުރު ކުރުމަށްފަހު އަހަރެމެން ގެ ދަތުރުގެ މަންޒިލަށް ވާސިލް ވެވިއްޖެއެވެ. ރަށަށް ފޭބުމަށްފަހު ފުރަތަމަ އޮތީ ހެނދުނުގެ ސައި ބުއިމެވެ. އެއަށްފަހު ތަފާތު ކުޅިވަރުތައް ކުޅުން އޮތެވެ. ފުޓްބޯޅަ އާއި ވޮލީއެވެ. އަދިވެސް އެހެނިހެން ކުޅިވަރުތަކެވެ. ކުޅިވަރުތަކުގެ ތެރޭގައި ފޯރިގަދަ ކަމުން ވަގުތު ދިޔަ ނުދިޔަ ގޮތެއްވެސް ނޭނގުނެވެ. ގަޑި ބަލާލި އިރު މެންދުރު އަނބުރާ 2 ޖަހަނީއެވެ. ހުކުރު ވަގުތު ދިޔަ އިރުވެސް އަހަރެމެން ތިބީ ފޯރީގައި ކުޅޭށެވެ.

ކުޅިވަރުތައް ކުޅެ ނިންމާލުމަށްފަހު އޮތީ މެންދުރުގެ ކެއުމެވެ. ކާންތިބެގެން އެންމެން އެންމެނަށް ތަފާތު ވާހަކަތައް ދެއްކިއެވެ. މިގޮތުން އަހަރެމެންގެ ތެރޭގައި އިން އަހުމަދު ކިޔާ ކުއްޖަކު ހިޔާލެއް ދިނެވެ. އޭނާ ދިން ހިޔާލަކީ ކޯސްޓްގާޑަށް ގުޅާފައި އަހަރެމެންގެ ދޯނި ކަނޑު ގަދަ ވެގެން އަޑިޔަށް ދާވާހަކަ ބުނުމެވެ. ” ކާކު ތިވާހަކަ ގަބޫލު ކުރާނީ؟ މިހާރުވެސް މޫސުން މި އޮތީ ވަރަށް ރީތިކޮށް، އެހެން ނޫނަސް އަހަރެންގެ ބައްޕަގެ މި އޮޑި އަޑިޔަށް ދާކަށެއް ނުކެރޭނެ. މި ދޯނި އަޑިޔަށްދާވަރުގެ ރާޅެއް ކަނޑުގަ ނުވެސް ނެތެއްނު.” އަހަރެން ބުނީމެވެ. އަހަރެންގެ މިވާހަކަ އެމީހުން ގަބޫލެއް ނުކުރިއެވެ. އަދި އެންމެފަހުން ކޯސްޓްގާޑަށް ގުޅާފައި އެހެން ބުންޏެވެ. އެމީހުން އެކަން ކުރީ ސަމާސާއަކަށެވެ. މަޖަލަކަށެވެ.

Boat onthe sea

Boat onthe sea

އެންމެފަހުން ދަތުރު ނިންމާލާފައި ރަށަށް ދާ ގަޑި ޖެހިއްޖެއެވެ. އޭރު އިރު އޮއްސެނީއެވެ. އެރަށުން ދޯނި ނައްޓާލިތާ މާގިނަ އިރު ތަކެއްނުވެ މޫސުން ގޯސްވެ ކަނޑު ގަދަވާން ފަށައިފިއެވެ. ބޯ ކެރިއާއި އެކީ ގަދަ ވައި އަތުވެއްޖެއެވެ. ދެވޭ ނުދެވޭ ދިމާލެއް ނޭނގެއެވެ. ދޯނި ދިޔަވާންވެސް ފަށައިފިއެވެ. އެއްބަޔަކު ބިރުން ތެޅި ފޮޅެނީއެވެ. އަނެއްބަޔަކު ބެލީ ދޯންޏަށް އަރަމުންދާ ދިޔަތައް ހިއްކޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބެއްނުވިއެވެ. ދޯނީގައި ހުރި ޕަންޕުވެސް ހުރީ ހަލާކު ވެފައެވެ. އަހަރެން ކުއްލިއަކަށް ހަނދާންވީ މެންދުރު ކާންތިބެފައި ދެއްކި ވާހަކަތަކުގެ މަތިންނެވެ. މި ހިޔާލު އައުމުން އަހަރެން މަސައްކަތް ފެށީ ކޯސްޓްގާޑަށް ގުޅާށެވެ. ފޯނު ހިފައިގެން އެހެން އިންދާ ކޮންމެވެސް އެއްޗަކުން އަހަރެންގެ ބޮލުގައި ޖެހުނުހެން ހީވިއެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ. ހޭ އެރި އިރު އޮތީ ރަށު ހޮސްޕިޓަލްގައެވެ. ކައިރީގައި މަންމަ އާއި ބައްޕަ އަދި ޑަކްޓަރު ހުއްޓެވެ. ޑަކްޓަރު ބުނީ ހޮނުގެ ސަބަބުން އަހަރެންގެ ފައި ވާގި ނެތިފައިވާކަމުގައެވެ. އަދި އެކަން ރަނގަޅު ނުކުރެވޭނެކަމުގައެވެ. ދެން އިތުރު މައްސަލައެއް ނެތްކަމުގައިވެސް ޑަކްޓަރު ބުންޏެވެ. އަހަރެން ވަރަށް ދެރަވިއެވެ.

ޑަކްޓަރު ދިއުމާއި އެކީ އެތަނަށް ވަދެގެން އައީ ސިފައިންގެ މީހެކެވެ. ސިފައިންގެ މީހާ އަހަރެންނަށް ކަން ހިނގިގޮތް ކިޔާދިނެވެ. އޭނާ ބުނި ގޮތުގައި އަހަރެމެންގެ ދޯންޏަށް ހޮނު އެޅީއެވެ. އެވަގުތު ކޯސްޓްގާޑްގެ ލޯންޗް އޮތީ އަހަރެމެންގެ ދޯންޏާއި ދާދި ކައިރީގާ ކަމުން، އަހަރެމެންގެ ދޯންޏަށް ހޮނު އެޅި މަންޒަރު ވަރަށް ކައިރިން އެމީހުން ދުށްކަމަށް އޭނާ ބުންޏެވެ. ” ހޮނު އަޅާ ދޯނި އެކީ ހަލާކުވީ. އަދި ހޮނު އެޅުމުގެ ތެރޭގައި ބައެއްކުދިން ވަނީ ފިހިގެން މަރުވެފަ. އަނެއްބައި ކުދިން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ” އޭނާ ކިޔައި ދިނެވެ. އަދި ސަލާމަތްވީ އަހަރެން އެކަނި ކަމުގައިވެސް ބުންޏެވެ.

އަހަރެން ގެއަށް ފޮނުވާލީ އޭގެ އަނެއްދުވަހު ހެނދުނެވެ. ގެއަށް ދިޔަ މަގުމަތީގައި ފަރުހާދުއާ ދިމާވިއެވެ. އޭނާ އަހަރެންނާއި ވަރަށް ގިނަ ވާހަކަ ދެއްކި އެވެ. އަދި ވަރަށް ގިނަ ނަސޭހަތްދިނެވެ. އަހަރެން ކަންހިނގި ހުރިހާ ގޮތެއް ފަރުހާދަށް ކިޔައިދިނީމެވެ. އެދުވަހަށް ފަހު އަހަރެން އަޒުމް ކަނޑައެޅީމެވެ. ގޯސްގޮތަކަށް ނޫޅުމަށެވެ. ބަރާބަރަށް ނަމާދުކޮށް ރަސޫލާގެ ސުންނަތައްއުޅުމަށެވެ. އަހަރެމެންގެ ދަތުރަށް މިފަހަރު މިހެން މިވީ ހުކުރު އަޅާފައި ދިއުމުންކަން އަހަރެން ގަބޫލު ކުރަމެވެ. މި ދަތުރުގެ ހަނދާނެއް އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ހުކުރު އަޅާފައި ދަތުރު ދާ ކޮންމެ ފަހަރަކު ކަމެއް ނުވެދާނެއެވެ. ނަމަވެސް ކަމެއް ވާނީކީ ބުނެފައެއް ނޫނެވެ. ވިސްނާށެވެ. ﷲ އާއި ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވާށެވެ.

މަސްދަރު: ދިއިސްލާމް

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

1 ޚިޔާލު

  1. Shi

    Ekan egothah a v hukuru elhumaa ehkn kufuruge baxx vss bunyma