-
-
މުސީބާތުގެވަގުތަކީ ނާއުންމީދުވާންވީ ވަގުތެއްނޫން- ދެވަނަ ބައި

މުސީބާތުގެވަގުތަކީ ނާއުންމީދުވާންވީ ވަގުތެއްނޫން- ދެވަނަ ބައި

މުސީބާތުގެ ވަގުތަކީ ނާއުންމީދުވާންވީ ވަގުތެއްނޫން-  ދެވަނަ ބައި

ADS BY FENVARU

މިހާލަތުގައި އަލުން ދިރިއުޅުން އާރާސްތުކުރުމުގެ ބަދަލުގައި ކުރިމަތިވި މުސީބާތުގެ މޮޅިވެރިކަމާއި ހިތާމައިގައި މުޅި ދިރިއުޅުން ބަރުބާދުކޮށްލާ މާޒީގެ ހިތި ތަޖުރިބާގެ ސަބަބުން އުންމީދުގެއްލުވާލައެވެ.

އިސްލާމް ދީނުގައި އިންސާނާއާއި ކުރިމަތިވާ ތަފާތު މުސީބާތްތަކުގައި ދެރަވުމާއި ނާއުންމީދުވުމާއި، އޭގެ ސަބަބުން ތިމާގެ މުސްތަޤްބަލް ބަރުބާދުކުރުމަކީ މާތް ﷲ سبحانه وتعالى ގެ މިންވަރުފުޅާއި އެކަލާނގެ އިލާހީ ރޭވުންތެރިކަމާއިމެދު ތިމާގެ އުންމީދު ގެއްލުވާލުމެވެ.

އީމާނުގެ ތިލަފަތުން މިފަދަ ކަންކަން ކިރާލާއިރު ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ހުރަސްތަކާއި މުސީބާތްތަކާ ރުހި އެކަންކަމުން އިބްރަތްލިބިގަނެ އެކަމުގެ ހިތާމަތަކާއި ހިތްދަތިކަމުން ދުރުވެ ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް މަސައްކަތްކުރުމަކީ ލާޒިމްކަމެކެވެ.

އަދި ހަމަ އެހެންމެ ތިމާގެ އެދުންތަކާއި އުންމީދުތައް މައިތިރިކޮށް ﷲ سبحانه وتعالى އަށް ވަކީލުކޮށް ހިތްވަރާއި އަޒުމާއެކު ގަދައަޅާ މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. މާތް ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފިރުވި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! (އެއީ) އެއުރެންގެ އަޚުން ދަތުރު ފަތުރުކޮށް އުޅުނުހިނދު ނުވަތަ ހަނގުރާމަވެރިންކަމުގައި ވީހިނދު، ތިމަންމެންގެ ގާތުގައި އެއުރެން ތިބިނަމަ މަރެއްނުވީހޭ، އަދި ޤަތުލެއްވެސް ނުވީހޭ، އެއުރެންގެ އަޚުންނަށް ބުނިމީހުންނެވެ. (އެއުރެން އެ ބަސްބުނީ) ﷲ، އެބަސް އެއުރެންގެ ހިތްތަކުގައި ހިތާމަޔެއްކަމުގައި ލެއްވުމަށެވެ. ދިރުއްވަނީވެސް، މަރުގަންނަވަނީވެސް، ﷲ އެވެ. އަދި، ﷲ އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." (آل عِمرَان 156)

އިންސާނެއްގެ ފުރިހަމަ މިނިވަންކަން ސިފަވެގެންދާ އެއް ހާލަތަކީ އޭނާއަށް މުސީބާތެއް ކުރިމަތިވާހިނދު އެކަމުން ރައްކާތެރިވުމަށް އޮތް ހަމައެކަނި މަގަކީ އެހެން އިންސާނުންގެ ފުށުން ސަލާންޖެހުމާއި މަދަދަށް އެދުން ކަމުގައި އޭނާނުދެކި އޭނާއާއި މުޅި ކާއިނާތު ހެއްދެވި ފަރާތުގެ މަދަދަށްއެދި ދުޢާކޮށް އެކަމުން ސަލާމަތްވާނޭމަގެއް ހޯދުމަށް އޭނާ އަމިއްލައަށް މަސައްކަތްކުރާކުރުމުންނެވެ.

ނަމަވެސް އިންސާނާ އޭނާއަށް ލިބިފައިނުވާ ނިޢުމަތްތަކާއި ޒީނަތްތެރިކަމެއްގެ އަޅަކަށްވެއްޖެނަމަ ނުވަތަ އޭނާއަށް ލިބިފައިނުވާ ކަމަކަށް އެދުންވެރިވެ އެކަމާއި ދުރަށް ނުދެވިއްޖެނަމަ އޭނާގެ އިންސާނީ ވަންތަކަމުގައި އުނިކަމެއް ހުރިކަމުގައި ޤަބޫލުކުރަންޖެހެއެވެ. އަދި އޭގެ ސަބަބުން އޭނާގެ އީމާންތެރިކަމުގައި އެއިން ސަލާމަތްކަމެއް ލިބުމެއްނުވާ ބަލިކަށިކަމެއްއަށަގަތުމަކީ އެކަށީގެންވާކަމެކެވެ.

ހަޤީޤީ އީމާންތެރިކަމަކީ އިންސާނާއަށް ކަންކަން ތަހައްމަލުކުރުމުގެ ބާރު އިތުރުކޮށް ސާބިތުކަމާއި ކެތްތެރިކަން ގެނެސްދީ މާޔޫސްވުމާއި ދުރުކޮށްދޭ ކަމެކެވެ. އެފަދަ މީހަކީ ޖެހިލާ ވައިރޯޅިއަކުން ލެނބިލާލެނބިލުމަކުން ބިނދިގެން ދާނޭ މީހެއްނޫނެވެ.

ދުނިޔަވީ ދިރިއުޅުމުގެ ޒީނަތްތެރިކަމާއިމެދު މާބޮޑު ފަރުވާލެއް ނުބަހައްޓާމީހާ އޭނާއަށް އެދިރިއުޅުމުގައި ކުރިމަތިވާ މުސީބާތްތަކާއިމެދުވެސް މާބޮޑު މާޔޫސްވުމެއްނުވާނޭކަމީ ބުއްދީގެ ހަމައިންވެސް ޤަބޫލުކުރެވޭނޭ ފަލްސަފާއެކެވެ.

ދުނިޔޭގެ ޒީނަތާއި ދަޅަތަކަކީ ދެމިގެންވާނޭ ޒީނަތްތެރިކަމެއްނޫނެވެ. ނަމަވެސް އެއީ އިންސާނާ އާޚިރަތާއިމެދު ޣާފިލްކުރުވާ އެ ޒީނަތާއި ލައްޒަތު ދެމިގެން ދިއުމަށް އެނދުންވެރިކުރުވާ އެއްޗެކެވެ. ނަތީޖާއެއްގެގޮތުން ދުނިޔޭގެ ތަބަޢީ ޤާނޫނުގެ ދަށުން ކުރިމަތިވެގެން އަންނަ ހިތާމަތަކާއި މުސީބާތްތަށް ތަޙައްމަލު ކުރުމަށް އޭނާ ނުކުޅެދުންތެރިކުރުވައެވެ. އަދި އޭގެ ސަބަބުން އޭނާއަކީ ދުނިޔޭގެ އަޅަކަށްވެ ފަޤީރު ނިކަމެއްޗެއްކަމުގެ އިޙްސާސް ކުރެވެންފަށައެވެ.

އަބްދުﷲ ބިން އަލް ޢާސް (رضي الله عنه)ގެ އަރިހުގައި އެއްދުވަހަކު މީހަކު ދެންނެވިކަމުގައި ރިވާވެގެންވެއެވެ. "ފަހެ ތިމަންމީ މުހާޖިރުންގެ ތެރެއިން ނިކަމެތި ފަޤީރަކުކަމުގައި ނޫނީ ނުވޭނޫންހެއްޔެވެ؟" އަބްދުﷲ ބިން އަލް އާސް (رضي الله عنه) ދެންނެވިއެވެ.

"ތިބާއަށް ތިބާގެ ހަޔާތުގެ ބައިވެރިއެއްކަމުގައި އަންބަކު ލިބިފައިނުވޭހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ. ތިމަންނައަށް ހަޔާތުގެ ބައިވެރިއަކު ލިބިފައިވެއެވެ." އަނެއްކާވެސް އަބްދުﷲ ބިން އަލް ޢާސް (رضي الله عنه) ދެންނެވިއެވެ. "ތިބާއަށް ތިބާގެ ދިރިއުޅުން ވޭތިކުރާނޭ ގެއެއް ލިބިފައިނުވޭ ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ނޫނެކެވެ. ލިބިފައިވެއެވެ." ދެން އަބްދުﷲ ބިން އަލް އާސް (رضي الله عنه) ދެނެވިއެވެ. "ވީ އިރު ތިބާ ވަނީ މުއްސަނދިންގެ ތެރެއިންނޫންހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. "ތިމަންނައަށް ޚާދިމަކުވެސް ލިބިފައިވެއެވެ." އަބްދުﷲ ބިން އަލް ޢާސް (رضي الله عنه) ދެންނެވިއެވެ. "އެހެންކަމަށްވާނަމަ ތިބާވަނީ ރަސްކަލުންގެ ތެރެއިންނެވެ." (މުސްލިމް)

ނަފްސުގެ ފުދުންތެރިކަމާއި ލިބިފައިނުވާ ނިއުމަތްތަކަކަށް އިންތިޒާރުކުރުމަކާނުލާ ތިމާއަށް ލިބިފައިވާ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަކީ ނަފްސު މަތިވެރިކޮށްދޭނޭ ބިންގަލެވެ. އަދި އެއީ މުސީބާތާއި ހިތާމަވެރި ހާލަތްތަކުން ތިމާ ރައްކާތެރިކޮށްދޭނޭ ހަތިޔާރުވެސް މެއެވެ.

ދުނިޔޭގެ ދިރިއުޅުމަށް ދަހިވެތިވުމަކީ ދިރިއުޅުމުގައި ކުރިމަތިވާ މުސީބާތްތަކުން މީހާ ނާއުންމީދު

ކުރުވާކަމެކެވެ. އަދި އޭގެ ސަބަބުން ﷲ سبحانه وتعالى އަށް ބިރުވެތިވުމާއި އެކަލާނގެއަށް އޭނާގެ ހިތުގައި ދޭންޖެހޭ ލޯތްބާއި އެކަލާނގެ މިންވަރަށް ރުހުމުގައި އޭނާ ޣާފިލްކުރުވައެވެ.

އެބައިމީހުންނަކަށް ދުނިޔޭގެ މި ފަނާވަނިވި ޒީނަތަކީ ހަމައެކަނި ދަޅަތަކެއްކަމެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ޞާލިޙުން ދުނިޔޭގެ ޒީނަތަށް ހެއްލުންތެރިވުމެއްނެތި ޤިޔާމަތުގެ ބިރުވެރިކަމުން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރާނެތެވެ.

ހަޤީޤީ މުސީބާތުން ސަލާމަތްވުމަށް އެބައިމީހުން ތައްޔާރުވާނެތެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ޤިޔާމަތްދުވަހުގައި މިފަދައިން ބުނާނެއެވެ.

''އެއުރެން ބުނާނެތެވެ. ހަމަކަށަވަރުން، ކުރިން ތިމަންމެން، ތިމަންމެންގެ އަހުލުވެރިންގެ ތެރޭގައި އުޅުނުއިރު (ﷲ ގެ އަޒާބަށް) ބިރުވެތިވެގެންވީމުއެވެ.
ދެން ﷲ ތިމަންމެންގެ މައްޗަށް ދަރުމަވަންތަވެވޮޑި ގެންނެވިއެވެ. އަދި ނަރަކައިގެ އަޒާބުން ތިމަންމެން ދިންނެވިއެވެ.

ހަމަކަށަވަރުން، ކުރިން ތިމަންމެން އެކަލާނގެއަށް އަޅުކަންކޮށް އުޅުނީމުއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، އިޙްސާންތެރިވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (الطُّور 26-28)

މުސީބާތުގެ ވަގުތުގައި ތިމާ މާޔޫސްވެ ހަޔާތާއިމެދު ނާއުންމީދުވުމަކީ މުސީބާތުގެ ހައްލުކަމުގައި ބުއްދިވެރި ސިނކުނޑިއެއް ޤަބޫލެއްނުކުރާނެއެވެ. އެހެނެއްކަމަކު އެހާލަތާއި ކުރިމަތިލުމަކީ އޭގެ ފަރުވާކަމުގައި ޤަބޫލުކޮށް ﷲ سبحانه وتعالى ގެ ދީލަތި ރަޙްމަތުން ސަލާމަތްކަމާއި ރައްކާތެރިކަން އެދި ކެތްތެރިކަމުގެ މަގު ހިފައިފިމީހަކަށް މުސީބާތުގެ ވަގުތަކީ ދިގު ވަގުތެއްކަމުގައި ވެގެން ނުދާނެއެވެ. އެވަގުތު އޭނާއަށް ވެގެންދާނީ އޭނާގެ އީމާންތެރިކަން އިމްތިޚާންކޮށްލާ ދިރިއުޅުމުގެ ހަޤީޤީ މަޤްޞަދާއިމެދު ހޭލައްވާލާ އާޚިރަތަށް އޭނާގެ ނަފުސު ތައްޔާރުކޮށްދޭ ވަގުތެއްކަމުގައެވެ.

ނިމުނީ