-
-
ލާމު ލިންކް ރޯޑްގައި ބަހުގެ ޚިދުމަތް ފަށައިފި

ލާމު ލިންކް ރޯޑްގައި ބަހުގެ ޚިދުމަތް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "ހައްދުންމަތި ޓްރާންސްޕޯޓް ލިންކް" (އެޗްޓީއެލް)ގެ ނަމުގައި، ހައްދުންމަތީ ލިންކް ރޯޑްގައި ބަސްދަތުރު ރަސްމީކޮށް އިފްތިތާޙުކޮށް ޚިދުމަތް ފަށައިފި އެވެ.

ADS BY FENVARU

ލ.ގަން ތުނޑީ ފުޓްސަލް ދަނޑު ކުރިމަތީ ލިންކް ރޯޑްގައި އެމްޕީއެލްއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި "ހައްދުންމަތި ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް އިފްތިތާހްކޮށް ދެއްވީ، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެވެ.

އެމްޕީއެލްއިން ގަމުގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދުއާއި، އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމްއާއި، ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން ގަމު ކައުންސިލާއި، އެމްޕީއެލް، އަދި އިކޮނޮމިކް މިނިސްޓްރީގެ އިސް ފަރާތްތަކާއި ފެނަކައިގެ އިސްފަތާރްތަކާއި ގަމުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.

އެމްޕީއެލް އިން މައުލޫމާތު ދެއްވި ގޮތުގައި ހެނދުނު 6:45ގައި ފެށުމަށް ހަމަޖެހިފައިވާ ބަސް ދަތުރުތައް ކުރުމަސް ހަމަޖެހިފައިވަނީ ފޮނަދޫ ކުރިމަގު، ބީއެމްއެލް ހާބަރ، ނާއިރާ ވޯކްޝޮޕް އަދި އާމިސްކިތްމަގެވެ. މީގެ އިތުރުން ކައްދޫ (އެއާޕޯޓް)، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ކައިރިއަށް ބަސް މަޑު ކުރާނެ އެވެ. ގަމުގައި ބަސްމަޑުކުރުމަށް ހަމަޖެހިފައިވާ ހަ ސަރަހައްދަކީ، މުކުރިމަގު އެކުވެނި، މަތިމަރަދޫ ސްކޫލް، ގަން ރީޖަނަލް ހޮސްޕިޓަލް، ތުނޑީ ނޫފަރު ފިހާރަ، ވުނަދާނަ ހިނގުން އަދި ތުނޑީ ހާބަރު ސަރަހައްދެވެ.

ލ.ލިންކް ރޯޑުގައި ބަހުގެ ޚިދުމަތްބ ދިނުމަށް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 50 މީހުންގެ ޖާގައިގެ ދެބަހާއި، ތިރީސް މީހުންގެ ޖާގައިގެ ދެ ބަހެވެ. މި ބަސްތައް ލ.ލިންކް ރޯޑުން ގުޅިފައިވާ ހަތަރު ރަށް ކަމުގައިވާ ފޮނަދު އާއި ކައްދޫއާއި، މާންދޫ އަދި ގަމަށް ދަތުރުކުރާނެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދަކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ހަލީމް ވިދާޅުވީ، އެމްޕީއެލް ހައްދުންމަތީ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް މިއަދު ހެނދުނު ފެށިގެން އޮކްޓޫބަރު 20 ވަނަ ދުވަހާ ހަމައަށް އެ ޚިދުމަތް ދެމުން ދާނީ މުޅިން ހިލޭ ކަމުގަ އެވެ.

"މާދަމައިން ފެށިގެން މިމަހު 20 ވަނަ ދުވަހާ ހަމައަށް ތިޔަ ބޭފުޅުންނަށް މި ދަތުރުތައް ހަމަ މުޅިން ހިލޭ. ބޭނުން ވަރަކަށް ތަޖްރިބާކޮށްލުމަށް ދަތުރު ކުރަންވީ،" މިނސްޓަރ ވިދާޅުވި އެވެ.

ގަމާއި ކައްދުއާއި މާންދޫ ފޮނަދޫ ހިމެނޭ މި ސަރަހައްދުގެ ދިގުމިނުގައި ގާތް ގަނޑަކަށް 17 ކިލޯމީޓަރު ހުރެއެވެ. ގުޅިފައިވާ މި ސަރަހައްދުގައި ގާތްގަނޑަކަށް 8000 މީހުންގެ އާބާދީއެއް ދިރިއުޅެ އެވެ.

ހައްދުންމަތީ ލިންކު ރޯޑްގައި ބަހުގެ ޚިދުމަތް ރަސްމީކޮށް ދޭން ފަށަފައި ވީ ނަމަވެސް ލިންކް ރޯޑް ރަސްމީކޮށް ހުޅުވާނެ ދުވަހެއް ސަރުކާރުގެ އެއްވެސް މުއައްސަސާ އަކުން އަދި ހާމަކުރައްވާފައެެއް ނުވެ އެވެ. މަގުގެ ދެފަރާތުން ދެކޮޅަށް ދުައްވާގޮތަށް ރަނގަޅު ފެންވަރަކަށް ހަދާފައިވާ ހައްދުންމަތީ ލިންކް ރޯޑްގެ މަސައްކަތް މުޅިން ނިމި މަގުގެ ޚިދުމަތް ހޯދަމުން ދާތާ މިހާރު ގާތްގަނޑަކަށް އަހަރަކަަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.

ބަސް ދަތުރުގެ އަގުތައް:

  • ގަމުން  ފޮނަދޫ އަށް 25 ރުފިޔާ
  • ފޮަދޫން ކައްދޫ، މާންދޫ އަށް 15 ރުފިޔާ
  • ގަމުން ކައްދޫ، މާންދޫ އަށް 20 ރުފިޔާ
  • އެހެނިހެން ތަންތަނަށް 10 ރުފިޔާ
  • ލަގެޖް 5 ރުފިޔާ........................................................