-
-
ޤަައިދީންނާ ޙަވާލާދީ ޚަބަރު ފަތުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނަން - ކަރެކްޝަންސް

ޤަައިދީންނާ ޙަވާލާދީ ޚަބަރު ފަތުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނަން - ކަރެކްޝަންސް

ޝަރުޢީ ޙުކުމްތައް ތަންފީޛްކުރަމުންދާ އެއްވެސް ޤައިދީއަކާއި ޙަވާލާދީ ޚަބަރުތައް ފަތުރާ އަދި ޝާއިޢުކުރާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފި އެވެ.

ADS BY FENVARU

ޤާނޫނާ ޚިލާފަށް ޚަބަރުތައް ޝާއިޢުކޮށް ފަތުރާ މީޑިއާތަކާމެދު ފިޔަވަޅުއަޅާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވަނީ މިކަން ހާމަކުރައްވާ ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޙުކުމް ތަންފީޛްކުރަމުންދާ ފަރާތްތަކާ ޙަވާލާދީ ރާއްޖޭގެ މީޑިއާތަކުގައި ޝާއިޢުކުރަމުންދާ ޚަބަރުތަކަކީ ޤާނޫނާ ޤަވާއިދާ ޚިލާފަށް ޝާއިޢުކުރަމުންދާ ޚަބަރުތަކެއްކަމުގަ އެވެ. މިކަން މީގެ ކުރިންވެސް އަންގާފައި ވާނެކަމަށާއި، އެފަދަ ޚަބަރުތައް ޝާއިޢުކުރާ މީޑިއާތަކުން ޚަބަރު ޝާއިޢު ކުރުމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާފައިވާކަމަށްވެސް ކަރެކްޝަނަލް ސަރވިސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޝަރުޢީ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކާ ޙަވާލާދީ އެއްވެސް ވާހަކައެއް ޝާއިޢުކޮށް އާންމުކުރަން ޖެހޭނީ އެކަމާ ގުޅޭގޮތުން ހަދާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފައި ވެއެވެ. އެގޮތުން ޤައިދީންނާ ބައްދަލުކޮށް އެއްވެސް މަޢުލޫމާތެއް ހޯދައި އެމަޢުލޫމާތެއް ބޭނުންކުރަންވާނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއީ، އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ އެއްގޮތަށްކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ކަރެކްޝަނަލް ސަރވިސްއިން މިހެން ބުނެފައިވަނީ ޖިނާއީ އެކި ކުށްކުށުގައި ޝަރުޢީ ޙުކުމްތައް ތަންފީޛްކުރަމުންދާ ސިޔާސީ އެކި ފަރާތްތަކުން، ޖަލުގައިތިބެގެން ނޫސްބަޔާންތައް ނެރެ، އެއާގުޅޭ ޚަބަރުތައް ރާއްޖޭގެ ނޫސްތަކުގައި ޝާއިޢުކުރުން ޢާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.